
މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިންކަމަށް ފުލުހުން ބުންޏެވެ.
އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއްކަމަށް ފުލުހުން ފާހަގަކޮށް، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިން ނަންބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ވެސް ބުނެދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމް މައްސަލަތަކުގައި ދިވެހީންގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ.
އޭގެ ތެރެއިން ހޯދިފައިވަނީ އެއް ލައްކަ ރުފިޔާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އިސްރަށްވެހިންގެ ނާދީން ބުނީ، މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުލުހުންނާ ގުޅިގެން ކުރިއަށްއޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.