
މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން މި އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައިވާއިރު، މި ފަހަރުގެ ސަސްޕެންޝަނަކީ އެންމެ ދިގު މުއްދަތަކަށް މި އެކައުންޓް ސަސްޕެންޑް ކުރި ފަހަރެވެ. އެނގިފައިވާ ގޮތުން މިދިޔަ މޭ މަހު، "ހަސަން ކުރުސީ" އެކައުންޓް ރޭ ސަސްޕެންޑްކުރީ ދިވެހި ފުލުހުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭރުއްސުރެ ފެށިގެން އެ އެކައުންޓުން ކޮށްފައިވާ އެއްވެސް ޕޯސްޓެއް ނުފެނި ދިޔުމަށް ފަހު މިއަދު އަލުން އެކައުންޓްވަނީ އެކްޓިވޭޓްކޮށްފައެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ 60،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ސަރުކާރާއި ގުޅުންހުރި ބައެއް ލިޔެކިޔުންތައްވެސް ލީކުކުރަމުން އަންނަ "ހަސަން ކުރުސީ" ގެ އެކައުންޓް ސަސްޕެންޑްކޮށްފައި މިވަނީ މިދިޔަ މޭ މަހު، ސަރުކާރުގެ ވަޒީރުން އެ އެކައުންޓް އަންފްލޯކުރަން އެނގިކަމަށް ބުނެ ވާހަކަތައް ފެތުރިފައިވަނިކޮށެވެ. އަދި ބައެއް ވަޒީރުން އެ އެކައުންޓް ބްލޮކް ކުރިކަން ދައްކައިދޭ ސްކްރީން ޝޮޓްތަކެއްވަނީ އެ އެއެކައުންޓްގައި ޕޯސްޓްކޮށްފައެވެ.
މި އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އެކައުންޓެކެވެ. ސަރުކާރުގެ ކޮރަޕްޝަންތައް ކަމަށް ބުނެ ބައެއް ލިޔެކިޔުންތައްވެސް އާއްމުކުރަމުން އަންނަ މި އެކައުންޓުން އަންނަނީ ބައެއް މީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭ މައުލޫމާތުތައްވެސް އާއްމުކުރަމުންނެވެ.
ކުރުސީ އަކީ ކާކުން އެނގޭކަމަށް ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ އެމްބެސެޑަރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.