ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރަން މަޖިލީހުގައި މަތިގެ އަދި ތިރިގެ ހަދަން ގޮވާލައިފި
ގައުމުގެ ހުރިހާ ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން މިހާރު ރައްޔިތުން މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކޮށް މަޖިލީހުގައި މަތިގެއެއް އަދި ތިރިގެ އެއް އުފެއްދުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ. 

މިކަމުގެ ހައްލަކަށް ރައްޔިތުންގެ މަޖިލިސް އަލުން "ތަރުތީބުކުރަން" އެދޭ ރާއްޖެ ޓީމުން ހުށައަޅާ ހައްލު ތަކަކީ ރައްޔިތުންގެ މަޖިލީހުގެ މަތިގެއެއް އުފައްދައި، މަތިގެއަށް ހޮވާ މެމްބަރުންނަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަންދޫބުންތަކެއްކަމަށް ކަނޑައަޅައި، މަތިގެއަށް މަންދޫބުން ހޮވާނީ މުޅި ރާއްޖެއިން ވޯޓުލައިގެން ކަމަށް ކަނޑައެޅުމަށެވެ. 

އަދި މިހާރު އޮންނަ ރައްޔިތުންގެ މަޖިލީހަކީ ތިރިގެ ކަމަށް ކަނޑައަޅައި، ދާއިރާތަކުން ވޯޓް ލައިން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި އާ ހުށަހެޅުމާއެކު ތިރިގެ އަށް މެމްބަރުން ހޮވާނީ އެންމެ ކުޑަވެގެން ކުރިއެކޭ އެއްގޮތަށް މުޅި އަތޮޅުންނާއި ސިޓީން ވޯޓުލައިގެން އިންތިހާބުކުރާގޮތަށް ބަދަލުކުރުމާއި، ދައުލަތުގެ މިނިވަން މަގާމުތަކަށް ހޮވާ ފަރާތްތައް ނެގުމާއި ވަކި ކުރުމުގެ ޒިންމާ މަތިގެއަށް ހަވާލު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން މަދުވެގެން އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހުގެ މަތީގެއަށް ހާޒިރުވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ރައްޔިތުންގެ މަޖިލީހުގެ މަތިގެއާ ތިރިގޭގެ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މަޖިލީހުގެ އަދަދާއި ޝަރުތުތަކާމެދު ރައްޔިތުންގެ މެދުގައި ފުޅާ މަޝްވަރާ ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ހުރިހާ އަތޮޅުތައް ތަމްސީލުވެފައި ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔާފާރި ކުރުން މަނާ ކުރުމާއި އަދި މަގާމުން ވަކިވުމުންވެސް ދެ އަހަރު ވަންދެން ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ކުރުން މަނާ ކުރުން ހިމެނެ އެވެ.

މިކަންކަން މި މަގުން ތަރުތީބު ވެއްޖެ ނަމަ އެދޭ ރާއްޖެ ޓީމުން ގަބޫލުކުރާ ނަތީޖާ އަކީ މަޖިލީހުގެ މަތިގެއެއް އޮތުމުން ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއް އުފެދިގެންދިއުމެވެ. އަދި ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔާތް ކުރުމަށް މަގުފަހި ވެގެން ދިއުމެވެ. 

ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި ވިޔަސް އެއީ ނަމަކަށް އޮތް ތަނެކެވެ. އެތަނުގައި އިއްވަނީ މެޖޯރިޓީ އޮތް ބައެއްގެ އަޑެވެ. ސަރުކާރުގެ އަޑެވެ. ރައްޔިތުންގެ އަޑު އެތަނުން އިވޭ ކަމަށް ގަބޫލުކުރާ ރައްޔިތުންވީ އިންތިހާ އަށް މަދެވެ.

އެހެން ކަމުން މަޖިލިސް މެންބަރުންގެ ފަރާތުން މިހާރު ފެންނަ "ރައްޔިތުންނާއި ދުރު" މީހެއްގެ ވިސްނުން ބަދަލުވެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރަން އަބަދުމެ މަސައްކަތް ކުރާނެ ރައްޔިތުންގެ ތަޅުމަކަށް މަޖިލިސް ހެދުމަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަކީ މަތިގެ އަދި ތިރިގެ އެއް ހިމެނޭ ގޮތުން ކަމަށް ބަދަލުކޮށް ގާނޫނޫ އަސާސީއަށް މި އިސްލާހު މިހިނދުން މިހިނދަށް ގެނައުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް