
ގދ. ގައްދޫން ގެއްލިފައިވަނީ އުމުރުން 75 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ނުވަތަ ރަށުގައި އާއްމުކޮށް ކިޔާ ނަމުންނަމަ، މުހުދާބޭ އެވެ.
މުހުދާބޭ އިއްޔެ ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ޑިންގީއެއްގައި ގަމަށް ދަތުރުކުރިކަމަށް މައުލޫމަތު ލިބިފައިވާކަމަށާއި އެމީހާގެ ހަބަރެއްގެ ނުވެގެން ރިޕޯޓްކުރީ ހަވީރު 5:5 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހާ ގަމުން 11:15 ހާއިރު ފުރާފައިވާކަން އެނގޭކަމަށްވެސް ފުލުހުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް އިއްޔެ ހެނދުނު ދިޔަ، މުހުދާބޭ ދުއްވަމުން ދިޔަ ޑިންގީގެ ނަގިލި ކަމަށް ބެލެވޭ ނަގިލި ވަނީ ފެނިފައެވެ. ފެނުނުއިރު ނަގިލި ކަނޑައިގެން ގޮއްސަ ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން، ނަގިލި ވަނީ އެއްކޮށް ޑިންގީ އިން ދޫވެގެން ގޮސްފައިކަމަށް ބެލެވެއެވެ. އެހެންނަމަވެސް އޭގެ މާގިނަ ތަފްސީލެއް ނުލިބެއެވެ.
ގައްދޫ ކައުންސިލުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މުހުދާބޭ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެކެވެ.
މުހުދާބޭ ހޯދުމަށް ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގަމާއި ގަން ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެއެވެ.