ads
އދ ގެ މާހިރު، ފްރާންސެސްލާ އަލްބަނީޒް. އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި- ފޮޓޯ/ރޮއިޓާސް
އިސްރާއީލަށް ފާޑުކިޔުމުން އދ.ގެ މާހިރަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
ވެއެތުވެދިޔަ 75 އަހަރު އިޒްރޭލުން ބައިނަލްއަގުވާމީ އެތައް ގާނޫނަކާއި ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި، އެ ތަންތަނަށް ބާރުފޯރުވައި، މިދިޔަ ދެތިން އަހަރު ހިންގަމުންދާ ނަސްލުހޭދަކުރުމުގެ އަމަލުތަކަށް ވާގިވެރިވާ ވިޔަފާރި ކުންފުނިތަކާއި ގުޅޭ ރިޕޯޓެއް އެކުލަވާލުމާ ގުޅިގެން އދ.ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
Advertisement

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ނެރުނު ރިޕޯޓެއްގައި، ފަލަސްތީނުގެ ބިންތަކުގައި 'ޖެނޮސައިޑްގެ އިގްތިސާދެއް' ހިންގުމުގައި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ބައިވެރިވުން ހާމަކޮށްފި އެވެ. "އޮކިއުޕޭޝަން އިގްތިސާދުން ޖެނޮސައިޑްގެ އިގްތިސާދަށް" މި ނަމުގައި ނެރުނު ރިޕޯޓުގައި، އެކި ދާއިރާތަކުގެ ބައިނަލްއަޤްވާމީ ކުންފުނިތަކުން އިޒްރޭލްގެ އޮކިއުޕޭޝަނަށާއި ގާޒާގައި ހިންގާ ހަނގުރާމައަށް އެހީތެރިވެ، އެކަމުން ފައިދާ ނަގާކަމަށް ބުނެފި އެވެ.

1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާބެހޭ ސްޕެޝަލް ރެޕޮޓާ ފްރަންޗެސްކާ އަކލްބަނީޒީ ތައްޔާރުކުރި މި ރިޕޯޓުގައި ބުނެފައިވަނީ "ވަރަށް ގިނަ ކުންފުނިތަކަކުން އިޒްރޭލްގެ ޣައިރު ގާނޫނީ އޮކިއުޕޭޝަން، އެޕާތައިޑް އަދި މިހާރު ޖެނޮސައިޑްގެ އިގްތިސަދުން ފައިދާ ނަގަމުންދާ" ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ގިނަ ކުންފުނިތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ދެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބްލެކް ރޮކް އަދި ވެންގާޑް އެވެ. މި ދެ ކުންފުނިން ގެންދަނީ ލިސްޓުގައި ހިމެނޭ ބޮޑެތި ކުންފުނިތަކަށް އިންވެސްޓުކޮށް، އެ ކުންފުނިތަކުގެ ހިއްސާދާރުންގެ ގޮތުގައި އިޒްރޭލާއެކު ބާއްވާ ގުޅުމަށް ބާރުއަޅަމުންނެވެ.

އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ނަސްލުހޭދަ ކުރުމުގެ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ދަނީ މިފަދަ ބޮޑެތި ވިޔަފާރިތަކަށް އެކަމުން ފައިދާވާތީ އެވެ. އެ ހަމަލާތައް ދިގުދެމިގެންދާ ކޮންމެ ދުވަހަކުން އެތައް ސަތޭކަ މިލިއަނަކުން މި ކުންފުނިތަކަށް ފައިދާވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީ ކުންފުނިތަކާއި އަސްކަރީ ކުންފުނިތަކުގެ އާ އުފެއްދުންތަކާއި ހަތިޔާރުތައް ޓެސްޓުކުރުމަށް ގާޒާ ބޭނުންކުރަމުންދާ ކަމަށް ވެސް އދ. ގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.

މި ރިޕޯޓާ ގުޅިގެން އިޒްރޭލުން ނުރުހުން ފާޅުކޮށްފައި ވާއިރު އެ ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކުން ވެސް ޝަކުވާ ކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގާޒާގެ މައްސަލައިގައި ގެންގުޅުއްވާ ސިޔާސަތަށް އަލްބަނީޒް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. ގާޒާއިން މީހުން ބާލައި އެހެން ގައުމުތަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މި އަހަރުގެ ކުރީކޮޅު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވައި ރައްދު ދެއްވައިފަ އެވެ.

އެމެރިކާގެ އެ ފިޔަވަޅާ ގުޅިގެން އަލް ޖަޒީރާއަށް އަލްބަނީޒް ވިދާޅުވީ، އެއީ އޭނާ މާބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށާއި، ފޯކަސް ކުރަނީ މަސައްކަތަށް ކަމަށެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އަލްބަނީޒް ވަނީ ވިދާޅުވެފަ އެވެ. އދ. އިން ވެސް ވަނީ އެމެރިކާގެ ނިންމުމަކީ ވަރަށް ނުރައްކާ ފެށުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް