ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅުނު ޓޫރިސްޓެއް މަރުވެފައިވާ މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ 12:28 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި އެކިއެކި ހާދިސާތަކުގައި 112 ޓޫރިސްޓުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ގެނބިގެން މަރުވާ ހާދިސާތައް ކަމަށްވާއިރު، ގެނބިގެން މަރުވި މީހުންގެ އަދަދަކީ 68 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.