
ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށައެޅުނުކަމަށެވެ.
އެ މައްސަލާގައ،ި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ދިން މައުލޫމާތުގެ އަލީގައ،ި ފަތުވާ މަޖިލީހުގެ މެމްބަރުން އެ މައްސަލަ ދިރާސާކުރިކަމަށް ފަތުވާ މަޖލީހުން ބުނެއެވެ.
އަދި އެ ދިރާސާތަކަށް ފަހު ފަތުވާ މަޖިލީހުން ނިންމާފައިވަނީ އާއްމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް ފަތުވާ މަޖލީހުން ބުނެއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހައްޖު ކޯޕަރޭޝަނުން އަންނަނީ ބޮލަކަށް 69،965 ރުފިޔާ ނަގަމުންނެވެ. އަދި ފައިސާ ބައިބަޔަށްވެސް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.