
ރޭ ދަންވަރު ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 1:50 އެހައިކަށްހާއިރުއެވެ. ނިދާފައި އޮތް އަބްދުއްރަހްމާން ފެނުނީ އަނިޔާވެރި ގޮތަކަށް ޒަހަމްކޮށްލާފައި އޮތްތަނުންނެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ފުލުހުންގެ ހާއްސަ ޓީމަކުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި އަބްދުއްރަހްމާންއަށް އަނިޔާ ދީފައިވަނީ ބޮޑަށް ބޮލަށެވެ. އަދި ހާދިސާ ހިނގި ކަމަށް ބެލެވެނީ ރޭ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް އެ ރަށު މީހުން ބުނެއެވެ. އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައެވެ.
ނިޔާވި އަބްދުއްރަހްމާނަކީ މަސްވެރިކަން ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާގެ 2 ކުދިން ތިބެއެވެ.
މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.