ads
އަލީ ރިޔާޒު
އެކްސިޑެންޓްގައި ސިކުނޑިއަށް ލިބުނު އަނިޔާތަކަށް ދެ އަހަރު: އެދެނީ ދީލަތި އެހީ އެއް
ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އެކްސިޑެންޓްތަކުގެ މައްސަލަތައް ހިމެނެ އެވެ.
Advertisement

ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ސަބަބުން އެކްސިޑެންޓްތައް ގިނަވެ، ގަވާއިދަށް ތަބާވެ ދުއްވާ އެތައް ބަޔަކު އެކްސިޑެންޓްތަކުގެ ވޭން މުޅި އުމުރަށް ތަހައްމަލު ކުރަމުންދެ އެވެ. ލ. ކުނަހަންދޫ (ގުލޭނޫރަންމާގެ) އަލީ ރިޔާޒް އަކީވެސް އޭގެ ތެރެއިން އެކެކެވެ. އޭނާ އުމުރުން އެންމެ 33 އަހަރުގައި ހަޔާތުގެ ސަފްހާތައް ހިތްދަތިކަމާއި، ވޭނާއި ކެކުޅުމުގެ ތެރެއަށް ގަންބާލީ އޭނާ ދަންނަ އެންމެންގެ ހިތް ރޮއްވާލާފަ އެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން އަލީ ރިޔާޒްގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި މުޅި އުމުރަށް ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކަކާއި ވަނީ ކުރިމަތި ލާން ޖެހިފަ އެވެ. ސިކުނޑިއަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އަދިވެސް އަލީ ރިޔާސަށް ވާހަކައެއް ނުދެއްކެއެވެ. ހަށިގަނޑު ގެ ކަނާތް ފަޅީގެ ބާރުނެތުމުން އަމިއްލަ އަށް ހިނގާ ބިނގާވެ ނޫޅެވެ އެވެ. އަމިއްލަ އަށް އެއްވެސް ކަމެއް އަދިވެސް ނުކުރެވެ އެވެ. ތަގްދީރު ނިޔާކުރި ގޮތުން މިހާރު އުޅެންޖެހިފައި ވަނީ އެހެން މީހުންގެ އެހީތެރި ކަމާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގަ އެވެ. ސިކުނޑިއަށް މިހާ ބޮޑަށް ގެއްލުން ލިބުނީމަ ހާއްސަކޮށް ޓްރައުމެޓިކް ބްރެއިން އިންޖަރީ ( ޓީ.ބީ.އައި) ކޭސް ތަކުގައި ރިކަވަރީ ޕްރެޑިކްޓް ކުރަން ޑޮކްޓަރުންނަށްވެސް ނޭގޭނެ ކަމަށް ގިނަ ޑޮކްޓަރުން އިއްތިފާގު ވެއެވެ. އެއީ އެއްވެސް ދެމީހެއްގެ ބުރެއިން ރިކަވަރީއާއި، ރިކަވަރީ ޕީރިއެޑް އެއްގޮތް ނުވާތީ އެވެ.

"އެކްސިޑެންޓްވީ ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫއާއި އިންޓެންސިވް ކެއާ ގައި ދެމަސްދުވަހު ފަރުވާ ދިނުމަށްފަހު، ރާއްޖެއިން މިފަދަ ޓުރައުމެޓިކް ބުރެއިން އިންޖަރީސް އިން ރިކަވާ ވުމަށް އެކަށީގެންވާ ރީހެބިލިޓޭޝަން ލިބެން ނެތުމާއި އެކު، ރާއްޖެ އިން ބޭރުން ހާއްސަކޮށް މެލޭޝިއާ ފަދަ ގައުމަކުން ރިހެބިލިޓޭޝަން ހޯދުމަށް ޑޮކްޓަރުން ލަފާދިން' އެކަމަކު އެދުވަސްވަރު އާއިލާގެ މާލީ ހާލަތު ހުރިގޮތުން އެހާހިސާބަށް ނުދެވުނީ" ނާޒިމް ބުންޏެވެ. 

އަލީ ރިޔާޒުގެ ރާއްޖެ އިން ބޭރު ފަރުވާގެ ދިގު ދަތުރު ފެށިފައިވަނީ އާސަންދަގެ އެހީއާއެކު 2023 އޭޕްރީލް މަހުން ފެށިގެން އިންޑިއާގެ ކޮޗިންގެ އެސްޓާ މެޑިސިޓީ ހޮސްޕިޓަލް އިންނެވެ. ނަމަވެސް 2 މަސް ވީއިރު  އެތަނުން އެއްވެސް ކުރިއެރުމެއް ނުލިބި، ކޮންމެ ރެއަކުހެން ރުޅިގަދަވެ ކޮންޓްރޯލް ނުކުރެވިގެން މީހާ ކޮންޓްރޯލް ކުރުމަށް ހަތަރެސްފައި ބަނދެ ހާލަތު ގޯސްވާން ފެށުމުން، އަމްރިތާ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ކުރިއަށް ގެންދަން ފެށުނެވެ.

2023 ސެޕްޓެމްބަރު މަހާ ހަމައަށް އަމްރިތާ ހޮސްޕިޓަލުން ފަރުވާ ދިންއިރުވެސް ހާލަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އެދުވަސްވަރު އެއްވެސް ކަމަކަށް އެއްބާރުލުމެއް ނުދީ، އަލީ ވަރަށް އެގްރެސިވްވެ ވަރަށް ރުޅިގަދަކޮށް އުޅުނުކަމަށް އޭނާގެ ދޮންތަބެ، މުހައްމަދު ނާޒިމް، "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުންޏެވެ. އޭރު އަލީގެ ދެކުދިން ( މިހާރު 12 އަހަރުގެ ކުއްޖަކާއި 6 އަހަރުގެ ކުއްޖެއް) އަލީ އެކުދިން ގޮވާ ގެނެސް ބައްދާލާ ގައިގައި ލޯބިން ބޮސްދީ ހަދާލާފަ، ކޮށްޕާލާ އެކުދިންގެ ގައިގައި ބައެއް ފަހަރު ބާރަށް ޖަހައި، ވެސް ހަދައެވެ. އޭރުވެސް ރުޅި އައިސް ފިއްޔާ ކޮންޓްރޯލެއް ނުވެއެވެ. ސެޕްޓެމްބަރ މަހު އެނބުރި ރާއްޖެ އަންނަން މަޖުބޫރުވީ އެވަގުތު އާއިލާގެ މާލީ ހާލަތު ހުރިގޮތުންނާއި އަލީގެ ރިކަވަރީއަށް މާބޮޑު ކުރިއެރުމެއް ނުލިބޭތީ އެވެ.

ނަމަވެސް ހެޔޮ އެދޭ ވަރަށް ގިނަ ބައަކު ބެންކޮކް ހޮސްޕިޓަލް ޗެކް ކޮށްލުމަށް ހިޔާލު ދެމުންދަތީ، ވަރަށް ގިނަ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީ ތެރިކަމާއި، އެންސްޕާގެ އެހީެތެރިކަމާއެކު 2023 ނޮވެމްބަރުން ފެށިގެން  ބެންކޮކް ބަންރަންގުރޭޑް އިންޓަނޭޝަނަލް ހޮސްޕިޓަލް އަދި ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލްއިން އިން ފަރުވާ ހޯދަން ފެށުނެވެ. ބެންކޮކް ހޮސްޕިޓަލް ތަކުން ޓެސްޓް ތައް ހަދުމަށްފަހު  ބޭސްތައް ބަދަލުކޮށް، ލިބުނު ރިހެބިލިޓޭޝަން އިން ފުދޭވަރަކަށް ބޮޑު ކުރިއެރުމެއް ލިބުނުކަމަށް ނާޒިމް ބުންޏެވެ. 

ބެންކޮކްއަށް ދިޔަ އިރު ފާހާނާކޮށްފައި އަމިއްލައަށް ގައިން ތާހިރު ވާކަށްވެސް ނޭނގޭ، އެކަމަކު ބޭންކޮކުން ފަރުވާ ކުރިއަށް ގެންދަން ފެށިފަހުން އެކަހަލަ ކަންކަން ފެންޖަހާ ދިނީމާ އަމިއްލައަށް ކޮށްލެވޭ، އޭރު އެކޮޅުން ރިހެބިލިޓޭޝަން ފަރުވާ ހޯދި ދުވަސްވަރު ކޮންމެވެސް ވަރަަކަށް  އެކަނި ހިނގާލެވުނު، ނަމަވެސް ރިހެބިލިޓޭޝަން ފަރުވާގެ އަގު ބޮޑުވެފައި ރިހެބިލިޓޭޝަން އަށް އާސަންދަ ނުލިބޭތީއާއި، އާއިލާގެ އެ ފުދުންތެރިކަން ނެތުމުން ބެންކޮކް އިން ރިހެބިލިޓޭޝަން އިތުރަށް ކުރިއަށް ނުގެންދެވި ހުއްޓާލަން މަޖުބޫރުވީއެވެ. ރިހެބިލިޓޭޝަން ހުއްޓާލުމުން ފަހުން އެކަނި އެއްވެސް ވަރަކަށް ހިނގާލެވޭ ވަރު ނުވިއަސް ޖުމްލަކޮށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް ނާޒިމް ބުންޏެވެ. 

އާއިލާގެ މާލީ ހާލަތު ތަންނުދޭތީ، ފޮލޯއަޕަށް ޑޮކްޓަރުން ދެއްވާފައިވާ ތާރީހްތަކަށް އެތައް މަހެއް ފާއިތުވެގެން ދާއިރު މިހާރު ބެންކޮކްއަށް ދެވޭނެ ގޮތެއް ނެތްކަމަށް ނާޒިމް ބުނެއެވެ. އަލީގެ ފަރުވާއަށް ހިނގާ ހަރަދު ވަރަށް ބޮޑެވެ.އަލީއަށް ޑޮކްޓަރުން ދީފައިވަނީ ރާއްޖެ އިން ނުލިބޭ ވަރަށް އަގު ބޮޑު ބޭސްތަކަކެވެ. އެއްމަސް ދުވަހުގެ ބޭހަށް އެކަނިވެސް 1200 ވަރަކަށް ޑޮލަރު އަރައެވެ. ބޭންކް ރޭޓް ގައި ބޭންކުން ޑޮލަރު ގަންނަން ލިބެނީވެސް އާސަަންދައިން އެހީ ހަމަޖެހޭ ބަލި މީހުނަށް އެކަނި ކަމަށް ވާތީ، އަލީއަށް ބޭސް ގަތުމަށް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ކަމަށްވެސް އޭނާ ފާހަގަ ކުރި އެވެ. އެއީ މިހާރު ބުލެކްމާކެޓް ރޭޓަށް ބަލާނަމަ މަހެއްގެ މައްޗައް 24000ރ ދިވެހި ރުފިޔާ އެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެންސްޕާއިން  އެހީ ލިބުމުގައި ދަތިތަކެއް  ކުރިމަތި ވުމާއި ގުޅިގެން ، މިއަދާއި ހަމައަށް ބޭސް  ގަންނަމުން އައީ އަމިއްލަ ހަރަދުގެ އެވެ. ނިމުނު އަހަރު ސެޕްޓެމްބަރ މަހުން ފެށިގެން މިއަދާއި ހަމައަށް އެކަނިވެސް އެ ބޭހަށް މިހާތަނަށް 12,000 ވަރަކަށް  ޑޮލަރު ހަރަދުވެފައިވާކަމަށްވެސް ނާޒިމް ބުންޏެއެވެ. ބޭސް ހުސްވެ އެންމެ ފަހުން ވެސް ބޭސް ގަތީ ބޭންކުން 80,000 ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށް ވެސް ނާޒިމް ބުންޏެވެ.

"މިމަހު ބޭސް ހުސްވާނެ، ހުސްވީމާ މި ފެށޭ މަހަށް ބޭނުންވާ ބޭސް ގަނެވޭނެ އެއްވެސް ގޮތެއް އަދި ނެތް،" ނާޒިމް ބުންޏެވެ.

 އެންމެ ބޭހެއް ފިޔަވައި އެއްވެސް ބޭހެއް ރާއްޖެ އިން ނުލިބެއެވެ. ބޭސް ގަންނަން ޖެހެނީ ބެންކޮކްއިން ކަމަށްވާތީ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ހަމަޖެހުނަސް ބޭސް ގެންނަން އުފުލަން ޖެހޭ ތަކުލީފުވެސް އެހާމެ ބޮޑެވެ. ވަރަށް ބައިވަރު ބޭސްކަމަށް ވާތީ، ވަރަށް ގާތް ރައްޓެއްސަކު ނޫނީ ހަވާލުވެގެން ގެނެސް ނުދެ އެވެ.

your imageއަލީ ރިޔާޒުގެ ހާލަތު އަންގައިދޭ ބައެެއް ޑޮކްޓަރުންގެ ލިޔުންތަކާ އަލީގެ ފަރުވާ އަށް ހޭދަކުރި ހަރަދުގެ ބައެއް ރިސީޕްޓްތައް

މިހާ ހިސާބަށް އަލީގެ ފަރުވާގެ ކަންކަން ކުރިއަށް މި ގެންދެވުނީ ހެޔޮއެދޭ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރި ކަމާއެކު ކަމަށާއި އެހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށް ވެސް ނާޒިމް ބުންޏެވެ. އަލީގެ ފަރުވާއަށް މިހާ ހިސާބަށް ކުރެވުނު ހަރަދުގެ ތެރެއިން  އެންސްޕާއިން ލިބުނީ ނިސްބަތުން ކުޑަ ޕަސެންޓެކެވެ. 

"އާސަންދަ އަދި އެންސްޕާ ތަންތަނުންވެސް ރީހެބިލިޓޭޝަންއަށް އެހީ ހޯދަން ވަރަށް އުނދަގޫ، ލިބޭ އެހީއެއްވެސް ލިބެނީ އެތައް ބައަކަށް ގުޅައި އާދޭސްކޮށް އެތައް މަސައްކަތެއް ކޮށްގެން" ކަމަށް ނާޒިމް ބުނެއެވެ.

ރާއްޖެއިން މި ފަދަ ޕޭޝަންޓުންނަށް އެންމެ އެކަށީގެންވާ ގޮތަށް ރީހެބިލިޓޭޝަން އެއް ނުލިބޭ ކަމަށާއި، އެންމެ ގިނަވެގެންވެސް ލިބެނީ ދެ ދުވަސް ކަމަށް އޭނާ ބުނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ވަރަށް ރަގަޅު ކަމަށް ނާޒިމް ފާހަގަ ކުރިއެވެ. ތެރަޕީ ސެޝަންތައް ރަނގަޅުވެފައި، އިތުރުން ސެޝަންތައް ދޭން ތެރަޕިސްޓުން ކިތަންމެ ބޭނުންވި ނަމަވެސް، 200-300 ވަރަކަށް މީހުން ކިއުގައި އަަބަދުވެސް ތިބޭ، މި މުހިންމު އެހާމެ ޑިމާންޑް ބޮޑު ހިދުމަތް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކުން ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަކޮށް އަޅާނުލާ ދޫކޮށްލާފައިވާތީ، ތެރަޕިސްޓުން މަދުވެ، ހިދުމަތް ހޯދާ މީހުން ގިނަވުމުގެ ސަބަބުން، މިހާރު ސްޕީޗެ ތެރަޕީ  ލިބެނީ ހަފްތާ އަކު އެއް ދުވަހު ކަމަށް ނާޒިމް ބުނެއެވެ. ފިޒިއޯތެރަޕީ ލިބެނީ ހަފްތާއަކު ދެ ދުވަހުއެވެ. އެކަމަކު އެއީ މިކަހަލަ ޝީރިއަސް ކޭސްތަކަށް އެކަށީގެންވާ މިންވަރެއް ނޫނެވެ.

ނާޒިމް ބުނި ގޮތުގައި އާސަންދައާއި އެންސްޕާއިން ރީހެބިލިޓޭޝަން ގިންތިކޮށްފައިވާ ގޮތަށް ބަދަލު ގެންނަން ޖެހެއެވެ. މިކަހަލަ ބޮޑަތި ދިގުދެމިގެންދާ ރިހެބިލިޓޭޝަން ކޭސްތަކާއި އާދައިގެ ކޭސްތައް ތަފާތު ވާން ޖެހެއެވެ. ކާމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކުން ސްޕީޗް ތެރަޕީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީ، ސަރުކާރު ހޮސްޕިޓަލް ތަކަށް ސްޕީޗް  ތެރަޕިސްޓުން އިތުރުކޮށް މި ހިދުމަތް މިއަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ. މިފަދަ ދަތިތަކުގެ ސަކުވާ ކުރެވޭނީވެސް ތަކުލީފު އިހްސާސް ކުރެވޭނީވެސް މިފަދަ ކަންތައްތައް ދިމާވާ މީހަކަށް ކަމަށް ނާޒިމް ބުނެ އެވެ.

އަލީ ރިޔާޒްގެ ހާލަތަކީ އޭނާއަށް ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން މުޅި އުމުރަށް ތަހައްމަލުކުރަން ޖެހިފައިވާ ވޭނެކެވެ. މިހާރު އޭނާގެ ބޭސް ހުސްވުމާ ގާތްވެފައިވާއިރު، އޭނާގެ ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ދީލަތި އެހީއަކަށް އޭނާގެ އާއިލާއިން އެދެމުންދެއެވެ. މިފަދަ ހާލަތްތަކުގައި ތިބި މީހުންނަށް ދިގު މުއްދަތުގެ ފަރުވާ އަދި ރީހެބިލިޓޭޝަން ލިބުމަށް ހުރި ހުރަސްތައް ނައްތާލައި، އެމީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް އިޖުތިމާއީ ޒިންމާއެކެވެ. 

އިތުރު މައުލޫމާތު: 
7989824 (އަހުމަދު ފިޔާޒް/ކޮއްކޮ )
7897123 ( މުހައްމަދު މުއިޒް / ދޮންބެ )
9923247 ( އަބުދުﷲ ޝަރީފް / ތިއްތިބެ ) 
އެކައުންޓްގެ ނަން: އަލީ ރިޔާޟް
އެކައުންޓް ނަންބަރު:
7703240280101 MVR
 7730000575047 USD

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.                    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް