
މި އަހަރުގެ މެއި މަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި ޒިޔާރަތްތަކުން ނެގި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ މައިގަނޑު މައްސަލައެވެ.
ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ދެނެގަތުމަށް ސަރުކާރުން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތައް ވެސް ރައްޔިތުން ހުށަހަޅާފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން 14,000 އަށްވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތައް، އާންމުން ފާހަގަކުރެއެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމް މިމަހުގެ ތެރޭގައި ފ.އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ފެށޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.