
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެރެނަލްގެ މަގާމުން ވަކިކުރި މަރްޔަމް ޒީނިޔާވަނީ އޭނާ މަގާމުން ވަކިކުރި މައސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައިވާ މައްސަލަ ބަލައި ނިމެންދެން، އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ، އޭނާގެ ފަރާތުން އެދުމުން ޓްރައިބިއުނަލުން އެ އަމުރު ނުދިނުމުން، އިސްތިއުނާފު ކުރުމުންނެވެ.
މިދިޔަ މޭ މަހުގެ 25ގައި ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިހްތިރާމު ކުޑަކުރާ ކަމަށް ބުނެއެވެ. އޭގެ ކުރިން މޭ މަހުގެ 20ގައި ތިން ދުވަހަށް އޭނާ ސަސްޕެންޑު ވެސް ކުރިއެވެ.
މިހާރު ވަނީ ބްރޯޑްކޮމުގެ އެސްޖީ ކަމަށް، ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އައްޔަނުކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 25ވަނަ ދުވަހެވެ.