
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޖިލިސް މެންބަރު ނާޒިމް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ފެބުރުއަރީ 10 ވަނަ ދުވަހުއެވެ. އެއީ ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނު މައްސަލައެވެ.
އެ މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ކުރި އެ މައްސަލައިގައި ނާޒިމްއަށް ގާނޫނީ ލަފާދީ ކޯޓުގައި ނާޒިމް ތަމްސީލް ކުރީ، ޕްރިމިއާ ޗެމްބާސްއިން ނެވެ. އެކަމަކު ފަހުން ނާޒިމްވަނީ އޭނާގެ ލީގަލް ޓީމު ބަދަލުކޮށްފައެވެ.
ނާޒިމްއާ ދެކޮޅަށް ޕްރިމިއާ ޗެމްބާސްއިން 2020 ވަނަ އަހަރުގެ މާޗު މަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގާނޫނީ ހިދުމަތްތަކަށް 977,353 ރުފިޔާ އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން އެދުނެވެ. މި މައްސަލައިގައި ނާޒިމްގެ ފަރާތުން ބުނެފައިވަނީ ޕްރިމިއާ ޗެމްބާސްއިން އިސްތިއުނާފުގެ މަސައްކަތް ކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފައި ނުވާ ކަމަށާއި އަގާ ގުޅޭ ގޮތުން އެއްބަސްވުމެއް ވެސް ވެފައިނުވާ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާޠިރު މި މައްސަލައިގައި ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ ނާޒިމާއި ޕްރިމިއާ ޗެމްބާސްއާ ދެމެދު ގާނޫނީ ހިދުމަތުގެ އަގާ ގުޅޭ އެއްބަސްވުމެއް ނެތުމުން، އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާން ނެތް ކަމަށެވެ.
އެ ފައިސާ ހޯދަން ޕްރިމިއާ ޗެމްބާސްއިން މިހާރުވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓަށް މި ހަފްތާގައި ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ކަނޑަނާޅައެވެ.