
މި ބަދަލު ގެނެސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ޖުލައި 26 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ތައްޔާރީތަކާ ގުޅިގެންނެވެ.
އެމްއޭސީއެލްއިން ބުނީ ހުޅުލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި އިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި ގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުން މަނާ ކުރެވޭނެއެވެ. މި ބަދަލާއެކު، ކުރިން މި ޕާކިން ޒޯންތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ތާރީހުތަކުގެ ކުރިން ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވެއެވެ.
މި ތާރީހަށްފަހު ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށާއި، މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނިން މައާފަށް އެދިފައިވެއެވެ.