
ޕަންޗާޔަތް ވެބް ސީރީޒްގެ "ދަމާދު ޖީ" ގެ ރޯލުން މަޝްހޫރުވި 34 އަހަރުގެ އާސިފް ހާންއަށް ހާޓް އެޓޭކް އައީ މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރުއެވެ. މިހާދިސާ ހިނގުމާ ގުޅިގެން އޭނާ ވަނީ ކޮކިލާބެން ދިރުބާއީ އަންބާނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އާސިފްގެ ހާލަތު މިހާރު ވަނީ ސްޓޭބަލް ވެފައެވެ. އަދި އޭނާއަށް ދެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިސްޗާޖް ކުރެވޭނެކަމަށް ބެލެވެއެވެ. ޕާޓަލް ލޯކް، މިރުޒާޕުރު، ޖަމްޓަރާ އަދި ފަހުން ބޫޓުނީ ފަދަ މަޝްހޫރު އޯޓީޓީ ސީރީޒްތަކުގައި އެކްޓުކޮށްފައިވާ އާސިފް ވަނީ އިންސްޓާގްރާމްގައި ފޯޓޯއެއް ޕޯސްޓެއް ޝެއާކޮށްފައެވެ.
ހޮސްޕިޓަލުން ނެގި ފޮޓޯއާއެކު އާސިފް ލިޔެފައިވަނީ "ދުނިޔެއަކީ ކުރު ތަނެއް، އެންމެ ދުވަހަކަށްވެސް އިހުމާލުނުވާށޭ، ހުރިހާ ކަމެއްވެސް ކުއްލިއަކަށް ބަދަލުވެދާނޭ، ތިބާއަށް ލިބިފައިވާ އެންމެހާ ނިއުމަތްތަކަށް ޝުކުރުވެރިވާށޭ، އަދި ދުނިޔެއަކީ ހަދިޔާއެކޭ. އަޅުގަނޑުމެން އުފަލެއްގައި ތިބޭ." މިހެނެވެ.
މި ޕޯސްޓަށް ރިޕްލައިކޮށް ގިނަ އަދަދެއްގެ މީހުން ވަނީ އާސިފްއަށް އަވަސް ޝިފާއަކަށް އެދި މެސެޖު ފޮނުވާފައެވެ.