ads
"ރާއްޖެ ސްޕެކްސް 2030" ތަޢާރަފުކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ނާޒިމް
ލޮލުގެ ސިއްހަތު ރަނގަޅުކުރުމަށް "ރާއްޖެ ސްޕެކްސް 2030" ތަޢާރަފުކޮށްފި
ދިވެހިރާއްޖޭގައި ލޮލުގެ ސިއްހަތުގެ ހާލަތު ރަނގަޅުކުރުމަށާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމަށް "ރާއްޖެ ސްޕެކްސް 2030" އިނީޝިއޭޓިވް ތައާރަފުކޮށްފިއެވެ.
Advertisement

މި އިނީޝިއޭޓިވް މިއަދު ހުޅުމާލޭ ވޯޓާ އެޖްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބުރާހިމެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މިސް ޕޭޑެންއާއި ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި މާލެ ސަރަހައްދުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ބައިވެރިވިއެވެ.

"ރާއްޖެ ސްޕެކްސް 2030" އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އެންމެންނަށް ލިބޭނެ ގޮތް ހޯދައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ އިނީޝިއޭޓިވްއެކެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާ ގުޅިގެން މި އިނީޝިއޭޓިވްގެ ދަށުން ލޮލުގެ ސިއްހަތާ ގުޅޭ ސްޓްރެޓެޖީއެއް އެކުލަވާލެވޭނެއެވެ. މި ސްޓްރެޓެޖީ އެކުލަވާލެވިގެންދާނީ ލޮލުގެ ސިއްހަތާބެހޭ މައުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް އަދި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއެކުއެވެ. ލޮލުގެ ސިއްހަތާ ގުޅޭ އީސީއެސްއޭޓީ ބޭނުންކޮށްގެން، ރާއްޖޭގައި މިހާރު ލޮލުގެ ސިއްހަތާގުޅޭ ހިދުމަތްތައް ދެވޭގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެވޭނެއެވެ. މީގެއިތުރުން، ގްރޭޓާ މާލެ ސަރަހައްދުގެ ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވަރކްޝޮޕެއް ބޭއްވޭނެކަމަށް ބުންޏެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް