
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ، ސެންޓްރަލް ޕާކް ސަރަހައްދުގައި ދުވުން ބޭއްވުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ދެފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެޗްޑީސީން ހުއްދަ ނުދީ، އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވުމަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެމްޑީޕީން ނިންމީ ހުއްދައަކާ ނުލައި މިމަހު 25 ވަނަ ދުވަހު ހަވީރު 4 އިން 6 އަށް މާލޭ މަޖީދީމަގުގައި ދުވުން ބޭއްވުމަށެވެ.
އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މި ދުވުމުގައި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެމްޑީޕީން ކޮށްދީފައިވާ ހިދުމަތްތަކާއި ހޯދައިދީފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ދަންމަރެއް ބޭނުންކުރާނެ ކަމަށެވެ. އަދި މި ދަންމަރު، މާލޭގައި ބާއްވާ ދުވުމަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހަސަންލަތީފް ވިދާޅުވިއެވެ.