
ގ. ގާނެޓްގައި ދިރިއުޅޭ ޔާމީން ހޯދުމަށް ފުލުހުން އިއުލާންކުރީ އަންގާރަ ދުވަހުގެ ރޭ 11:15 ހާއިރުއެވެ. ނަމަވެސް މިއަދުގެ ހެނދުނާ ހަމައަށްވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ފުލުހުން ބުނީ މާލެއަށް އުފަން ގ. ގާނެޓް، ހަސަން ޔާމީން މި ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 21:25 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ޔާމީންގެ ހަބަރެއް ނުވެގެން އާއިލާއިން މި ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފަހަކަށް އައިސް ގެއްލިގެން ފުލުހަށް ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.