
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ، ސަރުކާރުން ވައުދުތައް ފުއްދުމަށް އިސްކަންދީފިނަމަ، އެމްޑީޕީން މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގާތީ ސަރުކާރުން ޖެހިލުންވާން ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގުމަށް މި ސަރުކާރުން ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމުގައި ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޕާޓީން އެދިފައިވެއެވެ. ނަމަވެސް އެ އެއްވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ނުލިބުނުކަމަށް ބުނެ މާޖީދީ މަގުގައި އެއްވުން ބޭއްވުމަށް އެމްޑީޕީން މިއަދު ވަނީ ނިންމައިފައެވެ.
މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މި ދުވުމުގައި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެމްޑީޕީން ކޮށްދީފައިވާ ހިދުމަތްތަކާއި ހޯދައިދީފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ދަންމަރެއް ބޭނުންކުރާނެ ކަމަށެވެ. އަދި މި ދަންމަރު، މާލޭގައި ބާއްވާ ދުވުމަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހަސަންލަތީފް ވިދާޅުވިއެވެ.