
އެމްއެފްޑީއޭ އިން ޑްރާފްޓުކޮށްފައިވާ މި އާ ގަވާއިދުގައި ވިޔަފާރިވެރިން ޖަލަށްލެވޭނެ ތިން ގޮތެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި، ރަޖިސްޓްރީނުކޮށް ތަކުރާރުކޮށް ބޭސް އެތެރެކުރުމާއި ވިއްކުމުގެ މައްސަލަތަކާއި، ކްލިނިކް، ހޮސްޕިޓަލް އަދި ފާމަސީތައް އިންސްޕެކްޓު ކުރުމުގެ ހުއްދަ ތަކުރާރުކޮށް ނުދިނުމުގެ މައްސަލަތަކާއި، މުއްދަތު ހަމަވެފައި ނުވަތަ ހަލާކުވެފައި ހުންނަ ބޭސް ތަކުރާރުކޮށް ވިއްކުމުގެ މައްސަލަތައް ހިމެނެއެވެ. މި ކުށްތަކަށް އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވެއެވެ.
އާ ގަވާއިދުގައި ޖޫރިމަނާ ކުރެވޭނެ އަދަދުތައްވެސް ވަނީ ކަނޑައަޅާފައެވެ. ރަޖިސްޓްރީނުކޮށް ބޭސް އެތެރެކުރުމާއި ވިއްކުމަށް 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ކްލިނިކް، ހޮސްޕިޓަލް އަދި ފާމަސީތައް އިންސްޕެކްޓުކުރުމަށް ހުއްދަ ނުދޭނަމަ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ހަލާކުވެފައި ނުވަތަ މުއްދަތު ހަމަވެފައިވާ ބޭސް ވިއްކާނަމަ 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބޭހާ ބެހޭ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.