
ގަދަ ވަޔާއި ވާރޭގެ ފިނިކަމުގައި ޝައްޔާންއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ބަޔާންކުރަން އޭނާގެ ދޫވެސް މިރޭ ހުއްދައެއް ނުދިނެވެ.
ކިތަންމެ ވަރަކަށް ޝައްޔާންއާއި ދުރަށް ދިއުމަށް އަމާރާ މަސައްކަތްކުރިޔަސް، އަމާރާއާއި ހަމައަށް ވާސިލްވުމަށް މަގު ހޯދުން ޝައްޔާން ހުއްޓާއެއް ނުލާނެ އެވެ. އެކަން އަމާރާއަށް ނުވެސް ހުއްޓުވޭނެ އެވެ.
ހަގީގަތް ގަބޫލުކުރުން ނޫން ގޮތެއް އަމާރާއަށް ނެތެވެ.
ގޮތް ނޭގޭ "މިގުޅުމުގައި" އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮބައި ހެއްޔެވެ؟
ޝައްޔާންގެ ކޮންމެ ގޯނާއެއް ނުވަތަ އޭނާގެ ކޮންމެ އިޝާރާތަކަށް އިޖާބަ ދިނުމުގައި އަމާރާގެ ހިތް އެއްބަސްވާން ފެށުމެވެ.
އެކަން ހުއްޓުވުމަކީ އަމާރާގެ އިހްތިޔާރުގައި މިހާރު އޮތް ކަމެއްނޫނެވެ.
..............
މެންދަމުން އަލިވެ ތިނެއްޖެހީ އެވެ.
އަމާރާގެ ލޮލަކަށް ނިންޖެއްނައި އެވެ.
އެނދުން ތެދުވެ، ބެލްކަނީގެ ފަރުދާ ކަހާލި އެވެ. ހަނދުގެ އަލި ކޮޓަރިއަށް އެޅިގެންދިޔަ ވަގުތު، ފަސްބަލައިލާން ޖެހުނީ، ފޯނުގެ ރިންގު އަޑަށެވެ.
ހޮސްޕިޓަލުގެ އިމަރޖެންސީއަކަށްވެސް ވެދާނެކަމަށް ވިސްނާފައި، އަވަސްވެވުނީ ފޯނާއި ހިސަބަށް އައުމަށެވެ.
ސްކްރީން ފެނުމާއެކު ނިއްކުރިއަށް ރޫ އަރުވާލާފައި ބޯ އަރިކޮށްލި އެވެ.
ފެންނާން އޮތީ 'ޝައްޔާން'ގެ ނަމެވެ.
"ހެލޯ" ނިދިއަޑުން އަމާރާ ބުނެލީ އެހެން ގޮތެއް ނެތިގެން ފޯނަށް ޖަވާބުދެނީކަން ޝައްޔާންއަށްވެސް އިހްސާސްވާނެފަދަ ރާގެއްގަ އެވެ.
"އަމާރާ.." އިވުނީ މުޅިން ތަފާތު އަޑެކެވެ.
ވަރުބަލިކަމާއި މާޔޫސްކަމުގެ މިސާލެއްފަދަ ގޮވާލުމެކެވެ. އެކަނިވެރިކަމާއި ނުތަނަވަސްކަމުގެ ދައުވަތެކެވެ. ދެވަނަ ފަހަރަށްވެސް އަމާރާއަށް ސްކްރީނަށް ބަލައިލެވުނީ އެއީ ޝައްޔާންކަން ގަބޫލުނުކުރެވިގެންނެވެ. ބުނާނެ އެއްޗެއް ނޭގި އަމާރާ ހުއްޓުން އެރި އެވެ.
ދެފަރާތަށް ބަލާލާފައި ބެލްކަންޏަށް ނިކުމެ، ގޮނޑީގައި އިށީނެވެ. އުފެދުނު ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތެއް ނެތެވެ.
"އަހަރެންގެ ފޯނުގައި ޝައްޔާންގެ ނަމްބަރު "ސޭވް ކުރީ" ކާކު؟
"ޝައްޔާން..؟ އަހަރެންގެ ނަމްބަރު ލިބުނީ ކިހިނެއް..؟"
ސުވާލުގެ ހިމޭންކަން މަޑުމަޑު ވައިރޯޅިއާއި އެކުވެއްޖެ އެވެ. ފޯނުގެ ދެފަރާތުންވެސް ހިމޭންކަން ނޫނީ ނުވެ އެވެ.
"އަހަރެން ބޭނުންވެއްޖެ ކޮންމެ ކަމެއް ކުރެވޭނެ ކޮޅުތައް ހުންނާނެ، ޑޮކްޓަރ!! މިފަދަ ޒަމާނެއްގައި ފޯނުގައި ލޮކް ކޯޑް ނުޖަހާ އުޅެންޏާއި އެވަރުކަމެއް ހިނގާފާނެ..!" ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު، މަޑުމައިތިރިކަމާއެކު ޝައްޔާން ބުންޏެވެ.
"ޝައްޔާން، ކިހިނެއްވީ؟"
"އަމާރާ، އައިސްދީފާނަންތަ؟"
އިވުނީ ސުވާލެކެވެ. ނަމަވެސް ހިތުގައި އޮތީ އާދޭހެކެވެ!
"ކޮންތާކަށް؟"
"އަހަރެންގެ ޕެންޓްހައުސްއަށް"
"މިހާރު؟"
"ޕްލީޒް!"
ޝައްޔާންގެ އަޑުގައިވަނީ ބުނެދޭން ނެގޭ ޖަޒްބާތެކެވެ. ހިތާއި ސިކުނޑި އަރާރުންވާނެ ވަގުތެއް ނުދެވުނެވެ. ޑްރެސިންގ ޓޭބަލްމަތީގައި އޮތް ތަޅުދަނޑި ހިފައިގެން ދުވަމުން ބޭރަށް ނިކުތީ، އަމާރާގެ ދެފައިވެސް އޭނާއަށް މަޖުބުރުކުރީތީ އެވެ. ވީ އެންމެ އަވަހަކަށް ޝައްޔާންއާއި ހަމައަށްދިޔުން އަމާރާއަށް ވަރަށް މުހިއްމެވެ.
..............
ބެލް ޖެހުމެއްނެތި، ގޭގެ މައިދޮރު އަމާރާ ހުޅުވާލި އެވެ. މާނެވާލެވިފައި ހުރިކަން އިހްސާސެއް ނުވެ އެވެ.
ފެންނާން އިނީ ޝައްޔާން އެވެ. އިށީންދެގެން އިނީ ސޯފާ ކައިރީގައި އަޅާފައި އޮތް ރަގްމަތީގަ އެވެ. ބުރަކަށި ޖައްސާލައިގެން އިނީ ސޯފާގަ އެވެ. އަމާރާގެ ދެ ލޯ ހުއްޓުނީ، މިލާ މޯޅިވެފައިވާ ޝައްޔާންގެ މޫނަކަށް ނޫނެވެ. އޭނާގެ ދާދި ގާތުގައި ހުރި "ފުޅިއަށެވެ." އިހްތިޔާރެއް ނެތި އަނގަމަތީގައި އަތް އެޅުނެވެ. އެ މަންޒަރު ކުއްވެރިކުރާން ނުވަތަ އެކަމާ ދެބަސްވާން މިއީ އެންމެ ރަގަޅު ވަގުތު ނޫންކަން އަމާރާއަށް ވިސްނުނެވެ. ޝައްޔާންގެ ހާލަތު އަންދާޒާކުރެވުނީތީ އެވެ.
ކޯތާފަތަށް ހޫނު ވުމުން އަމާރާގެ އަތް އުފުލުނެވެ. ވެއްޓުނު ކަރުނަތިކި ފޮހެލި އެވެ.
"ޝައްޔާން..؟" ހިމޭން ވައި އަޑެކެވެ. އޯގާތެރި ގޮވައިލުމެކެވެ.
މަޑުންމަޑުން އިވުނީ ރިހުމުން ފުރިގެންވީ ހިނިތުންވުމެކެވެ.
"ދި ގްރެއިޓް ސްޕަރ ސްޓާރ.. ހައހް..؟ ލުކް އެޓް މީ ނައު"
މަޑުމަޑު ފިޔަވަޅުގައި ޝައްޔާން ގާތަށް ޖެހިލައި އަމާރާ އިށީނީ ޝައްޔާންއާއި ޖެހިގެން، ދާދި ގާތުގަ އެވެ.
"ވަޓްސް ރޯންގް؟"
އަމާރާގެ ސުވާލަށް ޝައްޔާންގެ ޖަވާބެއް ނެތެވެ. ހިމޭންކަން ނޫނީ މާހައުލުގައި ނެތެވެ.
"ބައެއް ފަހަރު ހިތަށް އަރާ، ސްކްރިޕްޓްތަކުގައި ހިމަނާފައި ހުންނަ ރޯލުތަށް އަހަރެން ކުޅެނީ، ހަގީގީ ދިރިއއުޅުމުގައި ބާއޭ ނުވަތަ ލިޔެގެން އުފައްދާ ހިޔާލީ ފިލްމްތަކުގައި ބާއޭ..! އަހަންނަށް އަސްލު ނޭގޭ، ހަގީގީ އަހަންނަކީ ކާކުކަންވެސް..!"
ކެތްތެރިކަމާއެކު އަމާރާ އަޑުއެހި އެވެ. އަބަދު ފަރިވެ، ހިނިތުންވުމާއެކު ތާޒާވެފައިވާ 'އެންމެންގެ އެކުވެރިޔާ'ކަމުގެ މާސްކް އަޅައިގެން އާންމުންގެ ތެރޭގައި ފެންނަ 'ޝައްޔާން ޔޫސުފް ރައިޒާދް'ގެ ހަގީގީ މާސްކް މަޑުމަޑުން ފަނޑުވަމުންދިޔަ އެވެ.
އެހީއަށް އެދި ކުޑަކުއްޖަކު ބަލައިލާފަދަ ނިޔަނެތިކޮށް، އަމާރާއަށް ޝައްޔާން ބަލައިލި އެވެ.
"އަހަންނަކީ ސްޕަރ ސްޓާރ ޝައްޔާން ޔޫސުފް ރައިޒާދް ކަމަށް ނުދެކި، ހަމައެކަނި އަހަންނާއި ބައްދަލުވި އިންސާނނަކީ ތިއީ..!" ބޯ އަރިކޮށްލާފައި ޝައްޔާން ބުނެލިއިރު ފޮރުވިފައިވާ ޖަޒްބާތުތަކެއް އޭނާގެ ދެލޮލުން ވިދާލި އެވެ. ހުޅުވިފައިވާ ފޮތެއްގެ ސަފްހާއެއް ފަދައިން އެ ލޮލުގެ އިބާރާތްތައް، ފަސޭހައިން އަމާރާ ކިޔާލައިފި އެވެ.
"އެއީ... ރަގަޅުކަމެއްތަ..؟" ލުއިއަޑަކުން އަމާރާ ސުވާލުކޮށްލީ ހިންދިރުވާލާފަ އެވެ.
"ދެޓްސް ދި ބެސްޓް ތިންގ" ވަރުބަލިކަމާއެކު ހިނިތުންވަމުން ޝައްޔާން ބުންޏެވެ.
ފުރަތަމަ ފަހަރަށް ޝައްޔާންގެ ވާހަކަތަކަށް އަމާރާގެ ސަމާލުކަން ލިބުނެވެ. ގާތްއެކުވެރިޔަކު ފަދައިން ޝައްޔާންގެ ވާހަކަތައް އަޑުއެހުމަށް ޝައުގުވެރިވާކަން އޭނާގެ އަމަލުން ސާބިތުކޮށްދީފި އެވެ.
ޝައްޔާންގެ އަތް އަމާރާގެ އަތުތެރޭގައި ބާއްވާލައިގެން އިނެވެ. ދޭތެރެއަކުން އޯގާތެރިކަމާއެކު މަޑުމަޑުން އިނގިލިތަކުގައި ފިރުމާލަ އެވެ. ބައެއް ފަހަރު ޝައްޔާންގެ ނިޔަފައިތަކުގެ ބައްޓަމާއި ކުޅެލަ އެވެ. ޝައްޔާންގެ ކޮންމެ ވާހަކައެއް އަމާރާ އަޑުއެހީ ކެތްތެރިކަމާއެކު އެވެ.
............
ޖެހިގެން އައި ދުވަހުގެ ހެނދުނަށް އަލިވިލުމަށް ރަން އިރު، ދުނިޔޭގެ އަލިކަމާއި ސަމާސާކުރަމުންދިޔަ ވަގުތެވެ. ވަރުބަލިކަމާއެކު ލޮލުގެ އެސްފިޔަތައް ދުރުކޮށްލެވުނެވެ. ފެންނަމުންދިޔަ މާހައުލާމެދު ވިސްނާލަން އަމާރާއަށް މަޖުބޫރުވި އެވެ. ލޮލަށް ނުފަރިތަ، މުއްސަނދި ކުލަތަކުން އޭނާގެ ވަށައިގެން ފެނުނު ތަކެއްޗާއި އެ ތަރުތީބަކީ އަމާރާގެ ލޯ ފަރިތަ މަންޒަރެއް ނޫނެވެ. ލޯ އުނގުޅާލަން އަތްހިއްލާލިވަގުތު އަތްޖެހުނީ މަޑުމަޑު ކަފަކޮޅެއްފަދަ ބްލޭންކެޓެއްގަ އެވެ. އަމިއްލަ ހާލަށް ބަލައިލެވުނީ އާޝޯހްވެފަ އެވެ. އޮވެވުނީ ތަނަވަސް ސޯފާއެއްގަ އެވެ. ގައިމަތީގައި އަޅާފައިވަނީ ހިތްގައިމު ބްލޭންކެޓެކެވެ. އެއާކޯނުގެ ހިތްގައިމު ފިނިކަމުގައި އަމާރާގެ ވަށައިގެންވީ މާހައުލު ވަރަށް ހިތްގައިމެވެ.
ކަންފަތުގެ ސަމާލުކަމަށްއައީ ތަފާތު އަޑުތަކެކެވެ. ވަހެއް ދުވާކަން ރެއަކާލާން ހިނދުކޮޅެއް ނެގި އެވެ. މި އއޮވެވުނީ ޝައްޔާންގެ ގޭގައިކަމާއި ރޭގައި ހިނގާދިޔަކަންކަން އަމާރާގެ ސިކުނޑި ބުނެދީފި އެވެ.
ދެ ލޯ ބޮޑުކޮށްލެވުނެވެ. (ނުނިމޭ)