
މި ކެމްޕޭން ފެށިފައިވަނީ މަގުމަތީގައި ދިމާވާ އެކްސިޑެންޓްތައް މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައެވެ.
މި ކެމްޕޭން ފެށިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައެވެ. މިއަދު މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ހުޅުމާލޭ އަވައްޓެރި ފުލުހުން ކަމަށާއި، ސިލްސިލާކޮށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަރަކާތުގެ ތެރެއިން ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އެކި މަގުތަކަށް ފުލުހުން ނުކުމެ، އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ، ދުވެލި މަޑުކުރުމަށް އިލްތިމާސްކުރަމުންދެއެވެ. މީގެ އިތުރުން، ލައުޑް ސްޕީކަރު ބޭނުންކޮށްގެން ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ދަނީ ލިބެމުން ކަމަށް ފުލުހުން ބުނެއެވެ.