
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހްމާން އާދަމްގެ ހުވަފަތް އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ފުލުހުން ހިފެހެއްޓީ މިއަދު ހަވީރުއެވެ. އެކަން ބައެއް މީޑިއާތަކަށް އޭނާގެ އާއިލީ ބައެއް ފަރާތްތަކުންވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކައެވެ.
އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.