
މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މުވައްޒަފުންގެ ހުރި ހިތްހަމަނުޖެހުންތަކާ ގުޅިގެން، މި ބައްދަލުވުމެއް ބޭއްވީ ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގަ އެވެ. މި ބައްދަލުވުމުން ނިމުނު އެއް ކަމަކީ މި މަހުގެ 26 އިން ފެށިގެން ޓީއެމްއޭގެ ޕައިލެޓުންނާއި މުވައްޒަފުން ދަތުރުތައް ކުރުން ހުއްޓާލާނެ ކަން މެނޭޖުމެންޓަށް އެންގުމެވެ.
ޓީއެމްއޭގެ މުވައްޒަފުންނަށް މިދިޔަ މަހު އަންގާފައިވާ ގޮތުން ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ރުފިޔާ އެވެ.
"ސީއެންއެމް" އަށް ވާހަކަ ދެއްކި ޓީއެމްއޭގެ ޕައިލެޓަކު ބުނީ، އެމީހުން ބޭނުންވަނީ ކުރިއެކޭ ވެސް އެއްގޮތަށް ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ކަމަށެވެ. އެކަން ހައްލު ނުވަނީސް، ދެން ދަތުރުތައް ކުރަން ނުފަށާނެ ކަމަށް މެނޭޖުމަންޓަށް މިހާރު އަންގާފައިވާ ކަމަށް ބައެއް ޕައިލެޓުން ވަނީ ބުނެފަ އެވެ.
އޭވިއޭޝަން ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ އޭވިއޭޓާސް މޯލްޑިވްސްގެ ސައިޓްގައި ލިޔެފައިވާ ގޮތުން މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ރޭ ބައްދަލުވުމެއް ބާއްވައިފި އެވެ. މި ބައްދަލުވުމުގައި ޓީއެމްއޭގެ ޕައިލެޓުންނާއި ކެބިން ކްރޫން އަދި އިންޖިނިއަރުން ވެސް ބައިވެރިވި އެވެ.
އޭވިއޭޓާސް މޯލްޑިވްސްއިން ދެކޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އޮތް ޓީއެމްއޭއަށް ލިބޭ ޑޮލަރު އާމްދަނީ މާރުކުރަން ޖެހޭތީވެ، ޑޮލަރުގެ ލިކިއުޓިޑީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ފަސްދޮޅުހަށްް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ދަނީ ރާވަމުންނެވެ.
ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 20.20ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭގެ އޮޕަރޭޝަން ހުއްޓުމަކީ ފަތުރުވެރިކަމަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ގިނަ އަދަދެއްގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށްބޭނުންކުރަނީ ސީޕްލޭން ކަމަށްވާއިރު މުވައްޒަފުންގެ ޑިމާންޑަށް އިޖާބަ ނުދީފިނަމަ ޓޫރިޒަމަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.