ads
ފަސްޓް ލޭޑީ ސާޖިދާ
ސިވިލް ކޯޓުން ހުކުމް ކުރިފަހުން، އެ ކޯޓަށް ނުބެލޭނެ ކަމަށްބުނާ މައްސަލަ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ހުކުމް މިއަދު އިއްވާފައިވަނިކޮށް، އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި އިއުތިރާޒުގެ އިސްތިއުނާފު މާދަމާ ހައިކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.
Advertisement

ވޭޕް މަނާކުރުމާ ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މަންދީގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓް ލޭޑީ ސާޖިދާ އަބުރުގެ ދައުވާ ކުރުމުން، ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން މިއަދުވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ދައުވާއަށް ޖަވާބުދާރީނުވެ، ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒުތަކެއް ހުށަހެޅި އެވެ. އެގޮތުން ދައުވާ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތް ކަމަށް ބުނެ ނުކުތާއެއް ފާހަގަކުރި އެވެ. ނަމަވެސް، ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އެ ނިންމުން، އެމްޑީޕީ އަދި ފައްޔާޒް އިސްމާއިލް އަދި މަންދީ ހިމެނޭހެން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ހައިކޯޓުގައި ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނުއެވެ.

އެ މައްސަލަ ނިންމާ ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެވއެ. އަދި އެހެންކަމުން ސާޖިދާ އެދިވަޑައިގެން ގޮތަށް އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ. މި މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މަރިޔަމް ޒުބައިރުގެ ގައިރު ހާޒިރުގައެވެ.

ކޯޓު ހުކުމްގައި ބުނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާ އަށް ލިބިގެންވާ ކަމަށެވެ.

ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ރައީސްގެ ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް