
މިއީ އައްޑު އަތޮޅަށް ނިސްބަތްވާ މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ނުބައި ދައުވާއަކާ ގުޅިގެން މިދިޔަ އަހަރު ޖަލަށްލީ މީހެއްގެ މައްސަލައެކެވެ. އެ މީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަކަރާއި ހީލަތުގެ ކުށުގެ ދައުވާއެވެ. އެކަމަކު އެ މައްސަލައަކީ، އެ މީހާ، އެހެން މީހެއްގެ އަތުން ކުއްޔަށް ނެގި ދޯންޏަކަށް ކުލި ދައްކަން ދިން ޗެކެއް ބައުންސްވީ މައްސަލައެވެ.
7700 ޑޮލަރުގެ ޗެކެއް ބައުންސްވީ މި މައްސަލައާ ގުޅިގެން، އެ މީހާގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދޮޅު އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންވަނީ، މި ހާދިސާއާ އާއި ގުޅިގެން، މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެ މީހާގެ މައްޗަށްކޮށްފައިވަނީ ގާނޫނީ ގޯހަކުންކަން ފާހަގަކޮށްފައެވެ. އަދި އެ ގޯސް އެ ހެން އޮތްކަން ބެލިފައި ނެތުމުގެ ސަބަބުން، އެ ގޯހުގެ މައްޗަށް އިތުރު ގޯސްތަކެއްހެދި، ގިނަ އޮޅުން ބޮޅުންތައް ހިނގައި ދައުލަތުން އުފުލި ދައުވާއިން ކުށްވެރި ކުރަންނުޖެހޭ މީހަކު ކުށްވެރިވެއްޖެކަމަށް ކޯޓުން ކަނޑައެޅުމުގެ ސަބަބުން އިންސާފުގެއްލިފައިކަން ފާހަގަކޮށްފައެވެ. އަދި ދައުވާ ރައްދުވާ ފަރާތް ކުށްވެރިވެއްޖެކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ނެގެހެއްޓޭނެ އެއްވެސް ހަމއެއް ނެތް ކަމަށް ނިންމައި، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް އެ މީހާ މިނިވަން ކޮށްފައެވެ.