
އިއްޔެ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި އެޗްޑީސީގެ އިސްވެރިން އަދި މީގެއިތުރުން ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް ތާރިގު އިބްރާހީމް ބައިވެރިވެލެއްވި އެވެ.
މި ހަރަކާތަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވޭ ހާއްސަ ހަރަކާތެއް ކަމަށާއި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުން ކަމަށް އެ އެޗްޑީސީން ބުނެ އެވެ.
60 ގަސް އިންދުމުގެ ތެރެއިން
މީގެ އިތުރުން މި ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ
މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ އިތުރުން ހުޅުމާލެއަކީ ފެހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.