
ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުގައި ވަނީ މުސާރައިގެ 80 ޕަސެންޓް ޑޮލަރުން އަދި 20 ޕަސެންޓް ރުފިޔާ އިން ދޭ ގޮތަށް ނިންމާފަ އެވެ.
ރާއްޖޭގެ 90 ޕަސެންޓް ރިސޯޓްތަކަށް ޓޫރިސްޓުން އުފުލާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި، ޓީއެމްއޭގެ ޕައިލޮޓުން ވަނީ ޑޮލަރުން ލިބޭ މުސާރައިގެ ބައެއް ރުފިޔާއިން ދޭން ޓީއެމްއޭ އިން ނިންމުމުން މިމަހުގެ 26 ވަނަ ދުވަހު މަސައްކަތް ހުއްޓާލަން ނިންމާފަ އެވެ.
އެގޮތަށް ނިންމާފައި ވަނިކޮށް، ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ކުރިން އެ ކުންފުނިން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލަކަށް ނުކުމެއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ލޮޅުމެއް އެރުން ކައިރި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމުމުން، މުވައްޒަފުންގެ ހަޅުތާލު ދެން ކުރިއަށްދާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ހަޅުތާލު އޯގަނައިޒް ކުރި މުވައްޒަފުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.