
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލެއްވުމުން، އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށް ވަޒީރުންނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅާފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާ އެވެ.
އެ ނިންމުމާއެކު މިރޭ ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ މެދުވެރިކޮށ ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ޚިދުމަތްތައްް ކަމަށެވެ.
އަދި މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ އަދި ހަމަ އެހެންމެ އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނި ގޮތުގައި، އެ ބޭންކުގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި އެ ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް ޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ ކަމަށް ވެސް ބުންޏެވެ.
އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ބޭންކުން ހާމަކުރާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.