
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިއަދު ވަނީ ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު މުއުތަސިމްއަށް ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ދޭން ނިންމާފައިވަނީ
އެއްފަހަރާ ގަނޑުކޮށް 159،375 ރުފިޔާއެވެ. އަދި ކޮންމެ މަހަކު ލިވިން އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އަދި އަސާސީ ޕެންޝަނަކަށް 11،953 ރުފިޔާއެވެ. އެއީ މަހަކަށް 31،953 ރުފިޔާއެވެ.
އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ، އެ ބޭފުޅަކަށް ބޮޑު އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިއެވެ. އެހެންނަމަވެސް އެ އަދަދު ނުދީ މާލިއްޔަތު ކޮމެޓީން ނިންމީ ޕޭ ކޮމިޝަނުން ގޮތެއް ކަނޑައެޅުމަށެވެ.
އެގޮތުން އެލަވަންސެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ އެދިފައެވެ. އެއީ ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސްގެ ގޮތުގައެވެ.
އޭގެ އިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށްވެސް ވަނީ އެފިފައެވެ. މިގޮތަށް ބަދަލުވުމުން އުއްތަމަފަނޑިޔާރަކަށް މިހާރު ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާކުރައްވުމުން މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.