
ވޭޕް މަނާކުރުމާ ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މަންދީގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓް ލޭޑީ ސާޖިދާ އަބުރުގެ ދައުވާ ކުރުމުން، ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެކަމަކު އެ ހުކުމް ކުރުމުގެ ކުރިން، އެ މައްސަލަ ސިވިލް ކޯޓަށް ބެލިދާނެތޯ އުފެދުނު ސުވާލުގެ މައްސަލަ އޮތީ ހައިކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ ހައިކޯޓުގައި މިއަދު ކުރިއަށް ގެންދަން ނިންމައި ތާވަލުކޮށްފައި އޮތުމަށްފަހު، މައްސަލަ މިހާރުވަނީ ބާތިލުކޮށްފައެވެ.
މައްސަލަ ބާތިލުކުރީ، މަންދީ އަދި އެމްޑީޕީގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެންނެވެ. ވަކީލުން ކޯޓަށް ހާޒިރު ނުވި މައްސަލައިގައި ހައިކޯޓުގެ ބެންޗުގެ އަގުލަބިއްޔަތުން ނިންމީ މައްސަލަ ބާތިލު ކުރާށެވެ. މައިނޯރިޓީ ފަނޑިޔާރުގެ ރައުޔަކީ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނުނިންމައި މައްސަލަ ބާތިލު ނުކުރެވުމެވެ. އިޖުރާއީ އިއުތިރާޒެއް ހުށަހެޅީ މިދިޔަ ހަފްތާގައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމުގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށެވެ.
އެހެންނަމަވެސް އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެ. އަދި އެހެންކަމުން ސާޖިދާ އެދިވަޑައިގެން ގޮތަށް އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މަރިޔަމް ޒުބައިރުގެ ގައިރު ހާޒިރުގައެވެ. ކޯޓު ހުކުމްގައި ބުނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާ އަށް ލިބިގެންވާ ކަމަށެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ރައީސްގެ ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.