ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަބްދުއްރަހްމާނަށް ހަމަލާދިނީ ގޭގައި ނިދާފައި އޮއްވަ އެވެ. އަދި އޭނާ މަރުވީ ލިބުނު ބޮޑެތި ޒަހަމްތަކަށް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އަބްދުއްރަހްމާންގެ ޕޯސްޓު މޯޓަމް ހެދުމަށް އޭނާ ހަށިގަނޑު މާލެ ގެނެސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި ނިންމުމަކީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.