
މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު މައްސަލަ ހައްލުނުވެ، މި ދެ ދުވަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ވަނީ ކެނޑިފަ އެވެ.
ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާ ވެސް ދަނީ "މުސީބާތުގެ ހާލަތު" ތަހައްމަލު ކުރަމުން ކަމަށެވެ. ގަޑިއިރަކުން ގަޑިއިރަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި، އާންމު ހިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ވެސް ރަސްމީ ގަޑީގައި ދެފަހަރަށް އިއްޔެ ކަރަންޓު ކަނޑާލާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އެއާ އެކު، އިދިކޮޅު އެމްޑީގެ ނިޒާރު ވިދާޅުވީ "އައްޑޫ ރައްޔިތުންނަކީ، އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ.
މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ. އަދި، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް މަދުވި އެވެ.
އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.