ކުރީގެ އެމްޑީޕީ ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ފެނަކައަށް 619 މިލިއަން ރުފިޔާ ދީފައިވީ ނަމަވެސް، އެއްވެސް މަސައްކަތެއް ހިންގާފައިނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Advertisement
މެމްބަރު ނާޒިމް މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން މިއަދު ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން "34 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތަށް ބޭނުންވާ ކަންތައްތައް ކުރުމަށް 619 މިލިއަން ރުފިޔާ ދިންތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެނަކައިން އެ ފައިސާ ނުކުމެގެން ހިނގައްޖެ،" އެވެ.
އެ ފައިސާ ހަރަދުކޮށްފައި ހުރީ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށެވެ. ނަމަވެސް، ފައިސާ ހަރަދުކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާ ނިންމުމަށްފަހުވެސް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ މ. ރަތްމަންދޫގެ ފެނާއި ނަރުދަމާ އެޅުމަށް ބޭނުންވާ ސާމާނު ގެންގޮސް މަސައްކަތް ނުކޮށް "ހާވާލާފައި" އޮތް ކަމަށާއި، މިކަހަލަ އެތައް 34 ރަށެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުރި ކަމަށެވެ.
ފެނަކައަށް 619 މިލިއަން ރުފިޔާ ދީފައި އޮތީ 3 އަހަރު ދުވަހުގެ ފިއުލް ސަބްސިޑީގެ އެޑްވާންސްގެ ގޮތުގައި ކަމަށާއި، މަހަކު 23 މިލިއަން ރުފިޔާ ފެނަކައަށް ދޭންޖެހޭ ސަބްސިޑީން މިހާރު ކަނޑަމުން އެދަނީ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ފެނަކައަށް ހިންދަމަނުލެވިގެން އުޅޭ ސަބަބު ކަމަށްވެސް ވިދާޅުވިއެވެ.