
ވެރިރަށް މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާއީ އެތައް މައްސަލަތައް ހައްލު ކުރެވެން އަންނަނީ ދުރު ރާސްތާގެ ތަރައްގީގެ މަގަށް ރާއްޖޭ ތަރައްގީ ކުރުމަށް ރާއްޖެ ސަރަހައްދުތަކަށް ބަހާލައި އެ ސަރަހައްދުތައް ތަރައްގީކުރެވި، ވަޒީފާތައް އުފެދި ރަށްތަކާއި އަތޮޅުތަކުގެ ފުދުންތެރިކަން އިތުރުވެގެން ނެވެ. މިކަންކަން ކުރެވެން އޮތީ ޒަމާނުއްސުރެ މާލެ އަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލެވިގެން "އަތޮޅު ހިންގުން" މިހާރަށްވުރެ ވަރުގަދަ ކުރުމަށް ގާނޫނު އަސާސީން ބާރު ދީގެން ނެވެ.
އެދޭ ރާއްޖެ ކަރުދާހުގައި ބުނާ ގޮތުން "އަތޮޅު ހިންގަން" މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް މައި ސަރުކާރުން ކޮންޓްރޯލް ކުރަމުން އައުމެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުން ކުރުމެވެ.
މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލުވާ ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
1. ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).
3. ދިގު ރާސްތާ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސްއާއި ބާރު ގާނޫނު އަސާސީގައި ކަނޑައެޅުން
4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.
5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.
6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.
7. ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.
8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.
މިކަންކަން މި މަގުން ތަރުތީބު ވެއްޖެ ނަމަ އެދޭ ރާއްޖެ ޓީމުން ގަބޫލުކުރާ ނަތީޖާ އަކީ ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް އޮތޮޅު ހިންގުމަށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި މިހާރަށްވުރެ ހަލުވި ވެގެންދާނެ އެވެ.
ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް އަތޮޅުތަކުގައި ވެސް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެ އެވެ. އަދި 21 ވަނަ ގަރުނުގައި ތަރައްގީގެ ގޮތުގައި ބަލާ އިންސާނީ ތަރައްގީގެ ރަހަ ދިވެހިންނަށް ފެންނާނެ ދުވަހެއް ލިބޭނެ އެވެ.
- ކަންކަމާ މެދު ވިސްނުމަކީ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]