
އެ ލޯން ސްކީމުގެ ދަށުން މި އަހަރު ހުޅުވާލި 500 ފުރުސަތަށް އެދި 1،338 ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން 806 ދަރިވަރަކު ލޯނަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި މިއަދު ވަނީ ވަގުތީ ލިސްޓު ނެރެފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް، ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށެވެ.
ރައީސްގެ ޕޯސްޓުގައިވާ ގޮތުން ވަގުތީ ލިސްޓުގައިވާ 806 ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ އެވެ.
މިދިޔަ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން މިގޮތަށް، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ދިނެވެ.
ސަރުކާރުން މިއަދު އާއްމު ކުރީ ލޯނު ލިބުނު މީހުންގެ ވަގުތީ ލިސްޓެވެ. އެ ލިސްޓަށް އަންނަ މަހުގެ 3ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.