
މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށް މި ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
ގަރާރުގައި ވަނީ، ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން ރަށްރަށުން ދޭ ކަރަންޓާ ފެނުގެ ހިދުމަތަށް ކަނޑައާޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން މާލެ ސަރަހަށްދު ފިޔަވައި އެހެން ސަރަހަށްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަރަންޓާ ފެނަށް ކުރަންޖެހިފައިވާ ހަރަދު އިންތިހާއަށް ބޮޑުކަމަށެވެ.
ގަރާރުގައި ވަނީ ޔުޓިލިޓީ ހިދުމަތްތައް ފޮރުކޮށްދިނުމުގައި މާލެ އާއި އަތޮޅުތެރޭގައި ހުރި ފަރަގުތައް ފާހަގަކޮށްފައެވެ. އެގޮތުން ފެނުގެ ހިދުމަތް މާލޭގައި ގުޅައިދެނީ 3187.84 ރުފިޔާއަށް ކަމަށާއި، އަތޮޅުތެރޭގައި 5000 ރުފިޔާއަށްކަމަށެވެ. މިއީ 57 ޕަސެންޓު ބޮޑު އަދަދެކެވެ. ފެން މީޓަރެއް މާލޭގައި ރީލޮކޭޓު ކޮށްދެނީ 850 ރުފިޔާއަށެވެ. އަތޮޅުތެރޭގައި ފެން މީޓަރެއް މާލޭގައި ރީލޮކޭޓު ކޮށްދެނީ 2،200 ރުފިޔާއަށެވެ. މިއީ 159 ޕަސެންޓު ބޮޑު އަދެކެވެ. މީގެއިތުރުން ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ މަތިން ފެން ބޭނުންކޮށްފި ނަމަ މާލޭގައި ނަގަނީ 101.26 ރުފިޔާގެ ފީއެއް ނަގާއިރު އަތޮޅުތެރޭގައި ނަގަނީ 135 ރުފިޔާއެވެ، މިއީ 34 ޕަސެންޓު ބޮޑު އަދަދެކެވެ.
އަދި، ކަރަންޓު ބޭނުންކުރާ މިންވަރު 301 ޔުނިޓުން 500 ޔުނިޓާ ހަމައަށް މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ރުފިޔާއެވެ. އަތޮޅުތެރޭގައި ނަގަނީ ހަ ރުފިޔާއެވެ. އެހެންކަމުން މިއީ 64 ޕަސެންޓު ބޮޑު އަދަދެކެވެ.
ކަރަންޓާއި ފެނުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގައި މި މިންވަރުގެ ތަފާތުކުރުންތައް ގެންގުޅުމުގެ ނަތީޖާއަކީ، އާންމު ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް، ހާއްސަކޮށް ގެސްޓްހައުސް ފަދަ ވިޔަފާރިތަކަށް ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވުމާއި، ފެނުގެ ހިދުމަތަށް މާލެ އާ ބަލާއިރު އަތޮޅުތަކުގައި 35 ޕަސެންޓު އިތުރުވުން ކަމަށް ގަރާރުގައި ވެއެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި، ކޮމާޝަލް ރޭޓުތައް ކަނޑައެޅުމުގައި މާލެއަށް ކަނޑައަޅާފައިވާ ރޭޓުތަކާއި ރަށްރަށަށް ކަނޑައަޅާފައިވާ ރޭޓުތަކުގައި ބޮޑު ފަރަގެއް އޮތުމަކީ ގާނޫނުއަސާސީން ކަށަަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގަށް ތައާރުޒުވާ ކަމެއް ކަމަށެވެ.
މި ތަފާތުކުރުމުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިތަކަށް އެކަށީގެންނުވާ މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމަށާއި، މިކަން މިގޮތަށް ކުރިއަށްދާނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ގިނަ ދަތިތަކެއް ކުރިމަތިވެ، އެތައް ވިޔަފާރިއެއް ބަނގުރޫޓުވުމުގެ ނުރައްކާ އޮތްކަމަށް ޑރ. ޝަމްހީދު ވަނީ އަންގަވާފަ އެވެ.