
އޭނާ މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކީ އެކްސް ގައި ހިންގި #AskAmeesha ސެޝަނެއްގަ އެވެ. އެ ސެޝަންގައި ފިލްމީ އެއް ސަޕޯޓަރަކު ވަނީ އަހާން ޕަންޑޭ އާއި އަނީތް ޕައްޑާގެ ފުރަތަމަ ފިލްމު "ސައްޔާރާ" އަމީޝާ ބެލިތޯ އަދި އަހާންއަށް ހްރިތިކް އާއި ރަންބީރުއާ އަޅާކިޔާތީ އޭނާ ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.
2000 ވަނަ އަހަރު ހްރިތިކް ރޯޝަންއާ އެކު ފިލްމު "ކަހޯ ނާ... ޕިޔާރ ހޭ" އިން ފިލްމީ ދުނިޔެއަށް ތައާރަފްވެ މަޝްހޫރުކަން ހޯދި އަމީޝާ ވަނީ ވަރަށް އިހްލާސްތެރިކަމާއި އިހްތިރާމާއެކު ޖަވާބު ޖަވާބު ދީފަ އެވެ.
ރަންބީރު ކަޕޫރާ ބެހޭގޮތުން ވެސް އަމީޝާ ވަނީ ހިފެހެއްޓުމެއް ނެތި ވާހަކަ ދައްކާފަ އެވެ. "ރަންބީރުއަކީ ސިހުރު ގަދަ، އަދި ވަރަށް ބާރުގަދަ ތަރިއެއް،" އޭނާ ބުންނެވެ. "އެ ފެންވަރަށް އާ ތަރިންނަށް ފޯރުމަށް ވަރަށް ގިނަ ދުވަސް ނަގާނެ، ރަންބީރު ގެ ފެންވަރަށް ގިނަ ބަޔަކަށް ނޭރުވޭނެކަން ޔަގީން. ބޭކާރު ބާރެއް ކީއްވެ ޖައްސަނީ؟ އަހާން އޭނާގެ އަމިއްލަ ގޮތުގައި، ވަގުތު އަންނަހެން ކުރިއަރާނެ. އަހަރެމެން އޭނާއަށް ހުރިހާ ހެޔޮއެދުމެއް ފޮނުވަން" އަމީޝާ ބުންޏެވެ.
މީގެ އެއް ދުވަސް ކުރިން ވެސް އަމީޝާ ޕަޓޭލް ވަނީ ސައްޔާރާގެ ޓީމަށް ތައުރީފުކޮށް ޓްވީޓް ކޮއްފަ އެވެ. "ސައްޔާރާގެ ތަރިން ކަމަށްވާ އަހާން އާއި އަނީތްއަށް ހުރިހާ ހެޔޮއެދުމެއް!! ތި މީހުންގެ ފިލްމުތަކުން ކުރިމަގުގައި ވެސް ބޮކްސް އޮފީހުގައި "ގަދަރު" އުފައްދަމުން ދާނެ ކަމަށް އުންމީދު ކުރަން!" އޭނާ ލިޔެފައިވެ އެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށް ވައިއާރްއެފް އިން ޕްރޮޑިއުސްކުރި "ސައްޔާރާ" އަކީ މަޝްހޫރު މިޔުޒީޝަން ކްރިޝް ކަޕޫރް (އަހާން) އާއި ނޫސްވެރިއެއް ކަމަށްވާ އަނީތްގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރި ފިލްމެކެވެ. މި ފިލްމުގެ ހިތްގައިމު ވާހަކައާއި މަންޒަރުތަކުން ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގައި 132.25 ކްރޯޑް ރުފިޔާ ވަނީ ހޯދާފަ އެވެ.