
ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް މިރޭ 19:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.