
ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތައް ފައްޓަވައިދެއްވި އެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވި އެވެ. މީގެ އިތުރުންވެސް ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވި އެވެ.
ރައީސް މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.