މިއީ، ހާބަރު ފުޑްކޯޓެއް ފަސް އަހަރު ދުވަހަށް ނިހާން ކުއްޔަށް ނަންގަވައި، އެ ތަނުގެ ކުލި އެސްޓީއޯއަށް ނުދައްކައިގެން އެސްޓީއޯއިން ދައުވާ ކުރި މައްސަލައެކެވެ. މި މައްސަލައިގައި އެސްޓީއޯއިން ދައުވާ ކުރުމުން، ސިވިލް ކޯޓުންވަނީ، 959،362 ދައްކަން ނިހާންގެ މައްޗަށް ހުކުމްކޮށްފައެވެ. އެ ފައިސާ ދެއްކުމަށް ނިހާންގެ މައްޗަށް ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އެ ފައިސާ ހަ މަސް ދުވަސް ތެރޭ އެސްޓީއޯއަށް ދައްކަން ކުރި ހުކުމް ހައި ކޯޓުގައި ނިހާން އިސްތިއުނާފު ކުރެއްވީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވުމުން، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަމަށް ހުކުމުގައި ރިއާޔަތްކޮށްފައި ނެތުން ފަދަ ބައެއް ކަންކަން ހުރުމުންނެވެ.
އެ މައްސަލަ ހައިކޯޓުގައި ގޮތެއް ނުނިމި އޮތުމަށް ފަހު ނިހާންގެ އެދުމަށް އެ މައްސަލަ ހައިކޯޓުން ބާތިލުކުރީ، ނިހާންއާ އެސްޓީއޯއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމަކަށް ގޮސް، އެ އެއްބަސްވުން އެގްޒެކިއުޓްކޮށް ނިމިފައިވާތީ ކަމަށް މައްސަލަ ބާތިލު ކުރި ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ނިހާން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ނެރުނު، ދައުވާ ބާތިލްކުރުމުގެ ފޯމުގައިވާ ގޮތުން މައްސަލަ އަނބުރާ ގެންދަން ނިހާން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.