
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަނީ ޖުލައި 25، 26 އަދި 27 ވަނަ ދުވަހު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބައެއް ވަގުތުތަކުގައި މާލެ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތައް ފަސޭހަކުރުމަށް ކަމަށެވެ.
ވެހިކަލް ދުއްވުން މަނާ ވަގުތުތައް
• މާދަމާ - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ދުއްވުން މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް މަނާވާނެ.
• ހޮނިހިރު ދުވަހު - ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދުތައް، މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ދުއްވުން މަނާވާނެ.
• އާދިއްތަ ދުވަހު - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ހަވީރު 6:00 އިން މެންދަމު 12:00 އަށް މަނާވާނެ.
މިނިވަން ދުވަހާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި މާދަމާ މެންދުރު 13:00 އިން އިރުއޮއްސި 18:00 އަށް އަދި އާދީއްތަ ދުވަހު އިރުއޮއްސި 18:00 އިން ފެށިގެން މެންދަމު 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް ޓްރާންސްޕޯޓުން ވަނީ މަނާކޮށްފަ އެވެ.
މަނާ ވަގުތުތަކުގައި އުޅަނދު ދުއްވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުންޏެވެ.