ads
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ/ އިންޑިއާ
މޯދީގެ ދަތުރުން އިންޑިއާއިން ރާއްޖެއަށް ކުރާ އިހުތިރާމް ހާމަވޭ: ސޯލިހު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުން އެ ގައުމުން ރާއްޖެ އަށް ކުރާ އިހުތިރާމު އެނގިގެން ދާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މޯދީގެ ދަތުރުފުޅާއި ގުޅިގެން ސޯލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ އަށް ދައުވަތު ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަނީ ދެ ގައުމުގެ ގުޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި މީގެއިން ދައްކުވައިދެނީ އިންޑިއާ އިން ރާއްޖޭގެ ރައްޔިތުންނަށް ކުރާ އިހުތިރާމް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިންޑިއާ އަކީ ރާއްޖެ އަށް އިތުބާރު ކުރެވޭ ގާތް އެކުވެރި ގައުމެއްކަން މިކަމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމުން އަންގައިދެނީ ސިޔާސީ ނުތަނަވަސްކަމަށް ފަހު ވެސް، އިންޑިއާއަކީ ރާއްޖޭގެ ދުވަސްވީ މުހިންމު ރަހްމަތްތެރިއެއްކަން. ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ ކާމިޔާބު، އަދި [އެ ދަތުރުފުޅުގެ ސަބަބުން] ރާއްޖެއާއި އިންޑިއާ ގުޅުން އިތުރަށް ވަރުގަދަވާނެ ދަތުރެއް ކަމަށް އުންމީދުކުރަމެވެ." ސޯލިހުގެ ބަޔާނުގައި ވެއެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި، ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.

މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.

އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް