ads
އެމްއެމްއޭ މައި އޮފީސް
ބޭންކްތަކުން އެމްއެމްއޭގަ ޑޮލަރުން ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއަމަންޓް ދަށްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަވް ރިކުއަމަންޓް (އެމްއާރްއާރް) 7.5 ޕަސަންޓުން އިން 5.0 ޕަސަންޓަށް ދަށްކޮށްފި އެވެ.
Advertisement

އެމްއެމްއޭން ބުނީ އެމްއާރްއާރް ބަދަލުކޮށްފައި ވަނީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަނި ކަމަށެވެ. އެބަދަލު އެމްއެމްއޭ އިން ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. 

އެމްއާރްއާރް އަކީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ފައިސާ ނުވަތަ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ.  

އެމްއެމްއޭ އިން ބުނީ އެ ބަދަލުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުން ކަމަށެވެ. އެ އޮތޯރިޓީން ބުނީ ކޮވިޑަށް ފަހު އިގްތިސާދީ ރިކަވަރީ ރަނގަޅުވެފައިވީ ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި އެ ބަދަލުގެ ސަބަބުން މުޅި އިގްތިސާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށެވެ. 

"އަލަށް ގެނައި ބަދަލުގެ ސަބަބުން ބޭންކްތަކަށް ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ބޭނުން ކުރެވޭނެ ކަމަށާއި ބޭރު ފައިސާގެ ދަތިކަމަށް ނުވަތަ ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ،. އެގޮތުން ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި ފަރުދުންނަށް ބޭންކްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ" މިއަދުން ފެށިގެން އަމަލުކުރަން ފަށާ އެ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން މީޑިއާތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވެ އެވެ. 

މި ބަދަލާ އެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގަ އެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މަރުކަޒީން ބޭންކުން ބޭރު ފައިސާގެ ޑިޕޮސިޓަށް ބަދަލު ގެނައި ނަމަވެސް، ދިވެހި ރުފިޔާއިން ބަހައްޓަން ޖެހޭ ޑިޕޮސިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެމްއެމްއޭ ބުނީ ރުފިޔާގެ އެމްއާރްއާރްއަށް ބަދަލެއް ނުގެނެސް 10 ޕަސަންޓުގައި ހިފަހައްޓާފައިވާ ކަމަށެވެ. 

ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، މިކަން ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ފެށި ނަމަވެސް އަދިވެސް ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރީ 20.15ރ. އަށެވެ. ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް