
މިކަން ސީޕީ ހާމަކުރެއްވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ނަވީން ވިދާޅުވިގޮތުގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ ޒިންމާއެކެވެ. މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމް އަމަލުތަކާއި ގޭންގު ކުށްތައް ހުއްޓުވުމާއި، ކުޑަކުދިންނާ މެދު ކުރެވޭ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ސީޕީ ނަވީން ވަނީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފުލުހުންގެ ހިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް މީހުން ބިނާކުރުމަށާއި އޮޕަރޭޝަނަލް އަދި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ހިދުމަތަކަށް ހަދާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.