
މިނިވަން ދުވަހާ ގުޅިގެން ސިޔާމް ފޮނުއްވި ހިތާބުގައި ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި އަބްތާލުންގެ ޒިކުރާ އާކުރުމާއި، ކުރީގެ ރައީސް އިބްރާހިމް ނާސިރު ގެންގުޅުއްވި ހިކުމަތްތެރިކަމާއި ގައުމު އިސްކުރެއްވުމުގެ މަތިވެރި ސިޔާސަތުތަކުން މިއަދު ވެސް އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. އަދި، ރާއްޖެއަށް މިހާރު ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެންމެ އިސް ސަފުގައި މިކަންކަމާ މެދު ވިސްނަންޖެހޭ ބޭފުޅުން މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ރޫހު ގެންގުޅުއްވާލެއް ކުޑަ ކަމަށް ފާހަގަކުރެއްވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިކޮނޮމިކް ހަކަތަ ހިފަހައްޓައިދެނީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރުމަށް އަޒުމް އާ ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން "ކާމިޔާބުގެ ސިއްރަކީ ތެދުވެރި މަސައްކަތް" މި ސިއާރުން ހިތްވަރު ލިބިގަތުމަށް ވެސް ސިޔާމް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.