
"އެކްސް" ގައި ހިއްސާކުރެއްވި ފޮޓޯއެއް އާއެކު ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އިންޑިއާގެ ޕްރައިމް މިނިސްޓަރު ވިދާޅުވިގޮތުގައި ދެގައުމުން ދަނީ އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެކަމުން ދެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ގުޅުން ވަރުގަދަވެގެން ދިޔުން ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރު ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް މޯދީ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް ބާއްވާފައިވެއެވެ.