
ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތަކީ ސަލާމަތީ ބާރުތަކުގެ މެންބަރުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ހާއްސަ މެޑަލް ދެއްވި ފަރާތްތަކުގެ ތެރޭގައި ސިފައިންގެ ތިން އޮފިސަރުންނާއި ފުލުހުންގެ ތިން އޮފިސަރުން ހިމެނެއެވެ. ސިފައިންގެ ފަރާތުން ވޮރެންޓް އޮފިސަ 2 އަބްދުﷲ ސާސަން، ސާޖަންޓް މޭޖަ އަހްމަދު މުޖުތަބާ އަދި ސާޖަންޓް ފަސްޓް ކްލާސް އަހްމަދު އަލީ ހިމެނެއެވެ. އަދި ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް ހިމެނެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ސިފައިންގެއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް ދެ ބޭފުޅަކަށް ދެއްވާފައެވެ. އަދި ސިފައިންނާއި ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލް 11 ބޭފުޅަކަށް ދެއްވާފައިވެއެވެ. މި މެޑަލްތައް ހަވާލުކޮށްދެއްވީ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒެވެ. މިއީ މިނިވަން ދުވަހާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ހިދުމަތްތައް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ރަސްމިއްޔާތެކެވެ.