
ރައީސް މިހެން ވިދާޅުވީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިނިވަން ދުވަހެއްގައި ސިފައިންނާއި ފުލުހުން އެކުގައި ބައިވެރިވާ މިފަދަ ޖަލްސާއެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަންވެސް ފާހަގަކުރައްވާފައެވެ. ދިވެހި ގައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށް ކަމަށާއި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ގައުމުގެ ކަންކަން ބަލަހައްޓާނީ އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ.
ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ގައުމަކާއިވެސް އެކުގައި ކަމަށް ރައީސް ބުންޏެވެ. ނަމަވެސް އެހެން ބަޔަކު އައިސް ދިވެހި ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތެއްގެ ހިތުގައި ރާއްޖެ މިނިވަންކުރުމަށް މަސައްކަތްކުރެއްވި ގައުމީ އަބުތާލުންގެ ގުރުބާނީއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި، އަންނަން އޮތް ޖީލަށް ގައުމު މިނިވަންކަންމަތީ ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.