
ސޯޝަލް މީޑިއާގައި ޝެއާކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ވިދާޅުވީ ދިވެހި ގައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިހުސާސްތަކުގައި ދިވެހި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ ހިމާޔަތުން ވަކިވެ ފުރިހަމަ މިނިވަން ގައުމަކަށްވުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހުގެ ގޮތުގައެވެ. މީގެ 60 އަހަރު ކުރިން 1965 ގައި މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދިވެހި ދައުލަތް އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި 77 އަހަރު ވަންދެން އޮތެވެ.
މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.