ads
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާ ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ރައީސްގެ ޝުކުރު ޔާމީނާއި ސޯލިހަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޝުކުރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.
Advertisement

ހަތަރުސަތޭކަ ފަންސާސް ހަތް މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެއާޕޯޓުގައި ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެ ޓާމިނަލްގެ މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުގަ އެވެ. އަދި އިބޫގެ ވެރިކަމުގައި ވެސް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ. 

"ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަސައްކަތަކީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތަކަށްވާތީ، ވަރަށް ގިނަ ބަޔަކަށް އެކަމުގެ ޝުކުރު ހައްގުވާ ކަމަށާއި އެކަމުގައި ކުރީ ދެ ސަރުކާރުގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ.

އެ ދެ ސަރުކާރަށް ފަހު، އެ މަނިކުފާނުގެ ސަރުކާރުން 2023ވަނަ އަހަރު ހަވާލުވި ހިސާބުން އެ މަސައްކަތުގައި ޝާމިލުވި ހުރިހާ އެންމެން ގުޅިގެން އެ މަސައްކަތް ނުކުރިނަމަ އަދި އިތުރު ދޮޅު އަހަރަށް ލަސްވީސް ކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި މި ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު މަސައްކަތެވެ. މުޅި މި ޕްރޮޖެކްޓަށް 812 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.

ރައީސް މުއިއްޒު އާ ޓާމިނަލްގެ ޝުކުރު ކުރީގެ ދެ ރައީސަކަށް ކުރެއްވިއިރު، އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް މުއިއްޒުގެ 10 ޕަސެންޓު ހިއްސާ ވެސް ނެތް ކަމަށާއި ކުރީގެ ރައީސް ސޯލިހު ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިފަހުން ވަނީ ވިދާޅުވެފައި އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވި އިރު، އާ ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 ޕަސެންޓު މަސައްކަތެވެ.

ރައީސްގެ އިރުޝާދާ އެކު ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ %30 ނިމިފައި އޮތް މަސައްކަތް އެންމެ ދޮޅު އަހަރުން %70 ނިންމާ ކާމިޔާބުގެ މަންޒިިލަށް ރައީސް ވަޑައިގެންފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ 10 އަހަރު ވާން ދިޔައިރު ވެސް އެއާޕޯޓުގެ ޓާމިނަލް މަސައްކަތުގެ %50 ވެސް ނުނިމި އޮއްވާ، މުޅި ޓާމިނަލްގެ މަންޒަރު ރައީސް ބަދަލުކޮށްލެއްވީ ދޮޅު އަހަރުން ކަމަށެވެ.

"ވަޒީރު ކަމުގައި ކުރައްސާލެއްވި ތަސްވީރާ އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް،" ޝަރީފް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ފުރަތަމަ ވެސް ވަޑައިގެންނެވީ އެއާޕޯޓަށް ކަމަށާއި އެއާޕޯޓުގެ މަސައްކަތްތަކަށް އެމަނިކުފާނު އިރުޝާދު ދެއްވީ 'ބައްޕައަކު ދަރިއަކަށް ދޭ މިންވަރަށް' ކަމަށް ޝަރީފް ވިދާޅުވި އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް